ގަބުޅި
ލުއްސި ޒިޔާރަތް
އަޅުގަނޑަށް މިލިޔުންކިޔާލުމަށް ފަހު ތިޔަބޭފުޅުންނާއި ޙިއްޞާކޮށްލީއެވެ. މިލިޔުން ނެގީ މަނަދޫ ލައިވް ވެބްސައިޓުންނެވެ.
------------------------------------------------------------------------------
ގަބުޅި ލުއްސި ޒިޔާރަތަކީ އިހުގައި މީހުން އުޅުނު،
މިހާރު ފަޅުކޮށްފައިވާ ނ.އަތޮޅު ތޮޅެންދޫގަ ހުންނަ ޒިޔާރަތެކެވެ. މިޒިޔާރަތް
އިމާރާތް ކޮށްފައިވަނީ މިހާދިސާޔާއި ގުޅިގެން ކަމަށް ކާބަފައިންގެ ދޫދޫމަތިން
ކިޔައެވެ. ތޮޅެންދޫގައި ބޭސްވެރިކަމަށާއި ފަންޑިތަވެރިކަމަށް އަތޮޅަށް މަޝްހޫރު
ބޭފުޅަކު ހުންނަވައެވެ. އަތޮޅުގެ ކޮންމެ ރަށެއްގައިވެސް މީހަކަށް ބޮޑުކަމެއް
ދިމާވެއްޖެއްޔާ އަވަހަށް ދެވެންއޮތް ގޮތަކުން ދަނީ ބޭސްވެރިޔާ ކައިރިއަށެވެ.
އެދުވަސްވަރަކީ މިހާރުހާ ސިއްހީ ޚިދުމަތް ކުރިއަރާފައިވާ ދުވަސް ވަރެއްނޫންކަމުން
ބޭސްވެރިޔާގެ ބޭނުންތެރިކަން އެންމެނަށްވެސް ނުހަނު ބޮޑެވެ.
ތޮޅެންދޫގެ އަވަށްޓެރި ރަށެއްގެ އަންހެނަކަށް ދިމާވި
ކަމެކެވެ. މާއިރާ ތެދުވެ ހެދުނުގެ ނާސްތާއަށް ގަބުޅި ސަޓަނި ތައްޔާރު ކުރުމަށް
ހުނިގާނަން ގަބުޅިއެއް ހޯދަން، ގިފިއްޔަށް ވަދެ ކާށިފުނިން ގަބުޅިއެއްނަގައި
އެހެލިތަނާ ކުޑަދަރިފުޅު ހޭލައިގެން ރޯންފަށައިފިއެވެ. ގެއަށްވަދެ ދަރިފުޅުނަގައި
ސާފުކޮށްލުމައްފަހު ދަރިފުޅު ގޮވައިގެން އައީ ބަދިގެއަށެވެ. ބަދިގޭގައި އިން ކޮޅު ފިލާ ގޮނޑިއެއްގައި
ދަރިފުޅު ބޭންދުމަށްފަހު، މަންމަ މިއުޅެނީ ސައިހަދާށޭ ނުރޮއި ރީއްޗައް އިންނާށޭބުންޏެވެ.
މަންމަ ގަބުޅި ބިނދެފައި ދަރިފުޅަށް ފެންދޭނަމޭ ބުނެފައި ކަތިވަޅި ހޯދައިގެން
ގަބުޅި ބިންނަން ކަތިވަޅިން ގަބުޅީގައި ޖެއްސެވެ. ވަޅިން ޖެހުމާއެކު ގަބުޅީގެ
މެދުން ރެނދެއްލިއެވެ.
މަންމަ ބޭނުންވީ ފެންފޮދު އިސްރާފު ނުކޮށް ދަރިފުޅަށް
ގަބުޅީގެ ފެން ބޯންދޭށެވެ. އެހެންވެ، ނާށީގައި އެޅި ރެނދު ތެރެއަށް ކަތިވަޅީގެ
ތުނޑު ލައްވާ މަތާލައިގެން ކުޑަކޮށް ފޭކޮށްލިއެވެ. ފެން ދޭންވެގެން ދަރިފުޅުގެ
އަނގައިގައި ގަބުޅި ޖައްސާ ފެންބޯންދެން ފެށިއެވެ. ކުއްލިއަކަށް މަންމައަށް ފެނުނީ
ބަދިގޭ ބިތުގައި އިން ކުރަތްޕެކެވެ. ބިރުން ތެޅިގަނެވުމާއިއެކު ގަބުޅީގެ ރެނދު
ފޭކުރަން ލައްވާފައި އޮތް ކަތިވަޅި ނެއްޓިއްޖެއެވެ. އެޔާއެކު ދެކިބަ ވަކިނުވެ އޮތް
ގަބުޅީގެ ދެކިބައިގެ ނާށިގަނޑު އައިސް ދަރިފުޅުގެ ތުންފަތުގައި ދޭވި، ދެކިބަ
ދޭތެރޭގައި ތުންފަތް ތާށިވެއްޖެއެވެ. ނާށިގަނޑު ދޭވުމާއެކު ވީތަދުން، ދަރިފުޅު
ވަރަށް ބާރަށް ރޯންފަށައިފިއެވެ.
ދަރިފުޅުރޯން ފެށުމުން ހަދާނެގޮތްހުސްވެގެން
މަގޭދަރިފުޅޭ ކިޔާ މަންމަ ހަޅޭއްލަވަން ފަށައިފިއެވެ. މަންމަ އިނީ އެއްއަތުން
ގަބުޅީގައި ހިފަހައްޓައިގެންނެވެ. ހަޅޭއްލާއަޑަށް ކައިރީދިރިއުޅޭ އަވަށް ޓެރިންގެ
ތެރެއިން ބަޔަކު ދުވެފައި ބަދިގޭ ދޮރުމައްޗައް އައިއިރު ކަމަކު ދާކަށްނެތެވެ.
ގަބުޅިއެއް މީއޮތީ އެކުއްޖާގެ ތުންފަތުގައި ދައިގަނެ ގެންނެވެ. އެތަނަށް
އެއްވިމީހުންގެ ތެރޭގައި ހުރި ހަރުމީހަކު ލަފާދިނީ އަވަހަށް ދަތުރު ހަދައިގެން
ތޮޅެންދޫ ބޭސްވެރިޔާ ކައިރިއަށް ދިއުމަށެވެ. އެދުވަސްވަރު އަވަސް ދަތުރުތައް
ކުރުމަށް ބޭނުންކުރަނީ ޖަހާދޯނި ކިޔާ ފަލިލައިގެން ޖަހާ ކުޑަ ދޯންޏެކެވެ.
ފަރާތަކަށް ތިންފަލި ލައިގެން ޖަހަން ދޯންޏެއް ތައްޔާރުކޮށް އެދޯންޏަށް ފަލިޖަހަން
ތިންމީހުން އަރާ އެކުއްޖާޔާ އެކުއްޖާގެ މަންމަޔާ އަދިބައްޕަވެސް އަރުވާ ދޯނި
ފަލިޖަހަން ފެށީއެވެ. ހުން ގާނު ހިފަނީ ކުއްޖާގެ ބައްޕައެވެ. މަންމަ އިންނަނީ
ދަރިފުޅު އުނގައް ލައިގެން އެއް އަތުން ގަބުޅީގައި ހިފަހައްޓައިގެންނެވެ.
ފަލިޖަހާމީހުން އެމީހުންގެ ގައިގައި ހުރި ބާރެއްލާފައި ފަލިޖަހަނީއެވެ. ދަރިފުޅު
ރޯވަރުން ބައްޕަގެ ހިތަށް ކެތްނުވެގެން ނެރުން ވަނުމުގެ ބަދަލުގައި ބޭރުއެރި
ދިމައިން ތޮށި ފަޅާލައިފާ ދޯނިވައްދަން ދިމާކުރިއެވެ. ތަންކޮޅަކަށް ވަންތަނާ
ކުރިމަތިން ހިކިފައިން ބޮޑު ގަލަކަށް ދޯނިބީހުނެވެ.
ދޯނިބީހުމާއެކު އެރި ލޮޅުމުގައި ތުންފަތުގަ
ދޭވިފައިން ގަބުޅި ތުންފަތުން ނެއްޓުނެވެ. އެހާ ހިސާބުން ދަރިފުޅުވެސް ރުއިން
ހުއްޓާލިއެވެ. ދޯނީގަ ތިބިމީހުން ބުނީ އެހިރިޔަކީ ކަރާމާތެއް އެކުލެވޭ
ހިރިޔެއްކަމަށެވެ. ޖަހާދޯނި ތޮޅެންދުއަށް ލަފާ ކަންވީގޮތް އަރަށު މީހުންނަށް
ކިޔައި ދިނުމުން އެރަށު މީހުންވެސް ބުނީ އެހިރީގައި ކޮންމެވެސް ކަރާމާތެއް
އެކުލެވިގެން ވާކަމަށެވެ. އަނެއްދުވަހު ސަންގުފުމެ ރައްޔިތުންނަށް ގޮވާ
ރައްޔިތުންނެރެ ހިރީގައި ވާޖަހައިގެން ދަމާ އެއްކަލަ ހިރި އެއްގަންކޮށްފިއެވެ.
ދެން އެންމެންނަށްވެސް ފެނުނީ އެހިރީގެ ކަރާމާތް ހޯދުމަށް ހިރި މެދަށްލައިގެން
ޒިޔާރަތެއް ހަދާށެވެ. މިޒިޔާރަތަށް ގަބުޅި ލުއްސި ޒިޔާރަތް ކިޔުނީ މިހެންވެގެން
ކަމަށް ކާބަފައިން ބުނެ އުޅެއެވެ. މިހާރުވެސް މިޒިޔާރަތް ނ.ތޮޅެންދޫގައި
އެބަހުއްޓެވެ. ކުރިން މީހުންދިރިއުޅުނު ރަށެއް ކަމުގައިވިޔަސް މިހާރު ތޮޅެންދުއަކީ
ނ.އަތޮޅުގެ ފަޅު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. މިހާރުމިޒިޔާރަތް ވަނީ
މަރާމާތު ނުކުރާތީ ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައެވެ.
------------------------------------------------------------------------------------
No comments:
Post a Comment